
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ
މަސްއޫލިއްޔަތު ޝާހުގެ ކިބައިން ވަކިކޮށްފި
އެމްޑީޕީގެ ސެކަޓަރީ ޖެނެރަލް
ކަމުގެ މަގާމުގައި ހުންނަވައިގެން އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ
ބައެއް ކެންޑިޑޭޓުންނަށް ފާޅުގައި ކެމްޕެއިންކޮށްދެއްވާ ކަމަށް ބުނެ، ސެކްރެޓަރީ
ޖެނަރަލްގެ މަސްއޫލިއްޔަތުތައް ހަސަން ޝާހުގެ ކިބައިން ވަކިކޮށް، އެހެން
ބޭފުޅަކާ އެ މަސްއޫލިއްޔަތު ހަވާލުކޮށްފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި
ވަނީ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގައި ހުންނަވައިގެން ހަސަން ޝާހު ބައެއް
ކެންޑިޑޭޓުންނަށް ފާޅުގައި ކެމްޕެއިންކޮށްދެއްވާ ކަމުގެ ޝަކުވާ ލިބެމުންދާތީ
ވަކިފަރާތަކަށް ތާއީދު ނުކުރައްވާ ބޭފުޅަކާ އެ މަސްއޫލިއްޔަތު ހަވާލުކުރެއްވުމަކީ
މުހިންމު ކަމެއް ކަމަށް އެ ޕާޓީއަށް ފެންނާތީ، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަމުގެ
އެންމެހާ މަސްއޫލިއްޔަތުތައް، ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އިސްމާއިލް
ޝަފީއުއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ސެކްރެޓަރީ ޖެނަރަލްގެ މަސްއޫލިއްޔަތު އެހެން
ބޭފުޅަކާ ހަވާލު ކުރެއްވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކީ ދެފުށް ފެންނަ
މިނިވަން އަދި އިންސާފުވެރި ނުފޫޒުން އެއްކިބާވެފައިވާ އިންތިހާބެއް ކަމުގެ
ޔަގީންކަން އެ ޕާޓީގެ އެންމެހާ މެންބަރުންނަށް އެރުވުމުގެ ގޮތުން ކަމަށް
އެމްޑީޕީން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑު އަށް
ނިސްބަތްވާ ހަސަން ޝާހުގެ ކިބައިން ސެކްރެޓަރީ ޖެނަރަލްގެ މަސްއޫލިއްޔަތު
ވަކި ކުރީ، އެ ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ މަޖިލީހުގެ ސ.
ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އަށް ފާޅުގައި
ކެމްޕޭން ކޮށްދިނުން ކަމަށް ބުނެ މަޤާމުން މިހާރުވަނީ ސާހު ވަކިކޮށްފައި
ކަމަށް ވަރަށް މުޢުތަބަރު ގޮތެއްގައި ވަނީ މަޢުލޫމާތު ލިބިފައެވެ.