ވިލިފުށީ ދާއިރާގެ މެންބަރު
ރިޔާޒް ރަޝީދު ހުށަހެޅި މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުގެ މައްސަލަ
މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީ ތަކުގެ ލީޑަރުންގެ މަޝްވަރާގެ މަތީން
އެމައްސަލަ މަޖިލީހަށް ހުށަނާޅާ އަނބުރާ ނަގައިފި.
އެމައްސަލަ ރިޔާޒް މަޖިލީހަށް
ހުށަހެޅި ނަމަ އެމައްސަލާގައި ހިނގާ ބަހުޝްގައި މަޖިލީހުގެ ރައީސް އަށް
މަޖިލީހުގެ ރިޔާސަތުގައި އިނުމުގެ ފުރުޞަތު ޤަވާއިދު ތަނެއްނުދިނުމުގެ
އިތުރުން މިމައްސަލާގައި މަޖިލީހުގެ ރައީސް އާންމުކޮމެޓީއަށް ހާޒިރުކޮށް
މައްސަލަ ބަލަން ޖެހޭނެއެވެ.
މިހާރު އުފެދޭނެ އެންމެ މުހިންމު
ސުވާލަކީ ރިޔާޒް ރަޝީދު އެމައްސަލަ އަނބުރާ ނެގުމުން މަޖިލީހުގެ ރައީސް
މަޖިލީހުގެ ޤަވާއިދާއި ޤާނޫނުއަސާސީ އާއި ޚިލާފަށް މަޖިލީހުގެ މެންބަރުންގެ
އިމްތިޔާޒް ގެ މައްސަލަ އުފެދެން ދިމާވެފައިވާ ކަންކަމަށް ދެން ވެގެންދާނީ
ކިހިނެއްތޯއެވެ؟
ޤާނޫނުއަސާސީގެ 102 ވަނަ މާއްދާއާއި
ޚިލާފަށް މަޖިލީހުގެ ރައީސް ކުރައްވަމުން ގެންދެވި ކަންކަމާމެދު ދެން ޢަމަލުކުރައްވާނެ
ގޮތަކީ ކޮބާތޯއެވެ؟ މަޖިލީހުން ފާސްކުރުމެއް ނެތި މަޖިލީހުގެ މެޖޯރިޓީ
ލީޑަރާއި މައިނޯރިޓީ ލީޑަރަށް ދެއްވުމަށް ހަމަޖެއްސެވި އިނާޔަތްތަކާއި
ބެހޭގޮތުން ރައީސުލްޖުމްޙޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވި ހުށަހެޅުމަށާއި
މަޖިލީހުގެ މެންބަރުގެ މެދުގައި ދަރަޖައިގެ ތަފާތުކުރުންތަކެއް ރިޔާސަތުން
ގެންގުޅުމާމެދު ދެން ޢަމަލުކުރަމުންދާނެ ގޮތަކީ ކޮބާކަމުގެ އިންތިޒާރުގައި
މަޖިލީހުގެ މެންބަރުން ތިބިކަމީ މިއަދުގެ ރައްޔިތުނަގެ މަޖިލީހުގެ ދޯދިޔާ
ސިޔާސަތުގެ ހަޤީގަތް ހާންމަވަމުންދާކަމުގެ ހަޤީގަތެއް ނޫންތޯއެވެ.